ލާމަރުކަޒީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުއްޓަސް، ރައްޔިތުންގެ ތާއީދު ނިޒާމަށް އެބައޮތްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ފެށި ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ނިޔާޒު ވިދާޅުވީ އަންނަ އަހަރަށް ބަޖެޓް އެކުލަވާލިއިރު ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ބަޖެޓް ދިނުމުގައި ބަލާނެ ކަންތައްތަކެއް ހުންނާނެކަމަށާއި، އެގޮތުން ކައުންސިލްތަކުން އަމަލުކުރާ ގޮތަށް ބަލާފައި ބަޖެޓް އިތުރުވުމުގެ ފުރުސަތުވެސް އޮންނާނެކަމަށެވެ.

ނިޔާޒު ވިދާޅުވީ މާލީ ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރާ ގޮތަށް ބަލާފައި ބުރަދަނެއް ދިނުމަކީ މުހިއްމުކަމެއްކަމަށެވެ.

"ކައުންސިލްތަކުން އަހަމިއްޔަތުކަން ދޭ މިންވަރަށް ބަލާފައި އެއަށް ބުރަދަން ދީފައި، އެއަށް އިތުރު ފައިސާ ދޭގިޮތަށް ބައެއް ހިމަނާފައި ވަނީ." ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ދެކެނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައި އޮތް އިސްލާހާއި އަދި ލިބިދީފައި އޮތް ބާރަށް ބަލާއިރު ރަނގަޅަށް ކައުންސިލްތައް ހިނގާކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށާއި ގާނޫނުގައި ހުރި ކަންކަން އިތުރަށް ރައްޔިތުންނަށް ތަފްސީލްކޮށްދޭން އެބަޖެހޭކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު