އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުއަށް ތާއީދުކުރައްވާކަން ޝާހިދު ހާމަކުރަށްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން އެ ޕާޓީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕްރައިމަރީގައި ވާދަކުރުމާއި ގުޅޭގޮތުން މީޑިއާއަކުން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ މި ފަހަރު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދައެއް ނުކުރައްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ވެރިކަމަށް ގެންނަން އޭނާ ތާއީދުކުރައްވާނީ ރައީސް ސާލިހަށް ކަމަށެވެ.

ޝާހިދު ވަނީ މީގެކުރިންވެސް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދު އޮތްކަން ނުސީދާކޮށްވެސް ހާމަކުރަށްވާފައެވެ. އެގޮތުން އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިސަރުކާރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ރައީސް ސާލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ. ނަމަވެސް ރައީސް ސާލިހާއި ރައީސް ނަޝީދު އެކުގައި ޕްރައިމަރީއެއްގައި ވާދަކުރުމަކީ ދުރުކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކި ޕާޓީތަކުން ތައްޔާރުވަމުންދާއިރު މިހާތަނަށް ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅީ ޕީޕީއެމުން އެކަންޏެވެ. އެއީ ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމެވެ.



ކިޔުންތެރިންގެ ހިޔާލު