ބެންކު މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނޮވެމްބަރ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.



ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު