އިބްރާހިމް ފަހީމް   7 ނޮވެމްބަރު 2022 - 22:40
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މައިގަނޑު އެއް ވައުދު ކަމަށްވާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ވައުދުގައި ހިމެނޭ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) އިން މާލޭގައި ދޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ބަސްތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މާލޭގައި ދުއްވާ ފްލީޓަށް އަލަށް ގެނެސްފައިވަނީ އިލެކްޓްރިކް 6 ބަސް ކަމަށާއި އެ ބަސްތައް މިހާރު ގެންގުޅޭ ބަސްތަކަށްވުރެ ސައިޒުގެ ގޮތުން ކުޑަވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ބަސްތައް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު އާރްޓީއެލް މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

ޖުމްލަ 15 މީހުންގެ ޖާގައިގެ އެ ބަސްތަކުގައި ފަތްޖެހޭ ދެ ގޮނޑި ހިމެނޭހެން 11 ގޮނޑިއަކާއި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެއީ ހިމަ މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު