ވީޒާއާ ނުލައި ސާބިއާއާއި ރާއްޖެއާ ދެމެދު ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރުމަކީ މުހިއްމުކަމެއްކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ސާބިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ހާރިޖީ ވަޒީރު އިވިކާ ޑާސިކްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޒުވާނުން ތަމްރީންކުރުން، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ސާބިއާގެ ފޮރިން މިނިސްޓަރ ވަނީ ފުޓްބޯޅަ، ވޮލީބޯޅަ އަދި ހޭންޑް ބޯޅައިން 12 އަހަރާއި 18 އަހަރުގެ ކުދިން ތަމްރީންކުރުމަށް ސާބިއާ ފޮނުވަން ދައުވަތު ދެއްވާފައެވެ. މީގެއިތުރުން ސާބިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕް އިތުރުކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށްވެސް ސާބިއާގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.



ޝާހިދުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރިއާ ވީޒާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ފަރުދުންގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެ، ފަތުރުވެރިކަންވެސް ކުރިއަރާނެކަން މިނިސްޓަރ ވިދާޅުވިއެވެ.



ސާބިއާގެ ފޮރިން މިނިސްޓަރ ވަނީ މިކަމާއިމެދު ވިސްނާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ބައިލެޓްރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންއާ ގުޅޭ އެމްއޯޔޫއެއްގައިވެސް ސޮއިކޮށްފައެވެ.

މިނިސްޓަރ ޝާހިދު ސާބިއާއަށް ކުރެއްވި ދަތުރުފުޅު އިއްޔެ ވަނީ ނިންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން