"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ގޭގޭގައި ހަރުކުރި ބެނާތައް ނަގަން މިދިޔަ އޭޕްރީލް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގާފައެވެ. އެ އޮފީހުން އެގޮތަށް އަންގާފައިވަނީ އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެމައުލޫމާތު ހާމަކުރަން އެދުމުން އެމައްސަލަ ބެލުމަށްފަހުއެވެ.

އެ މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު، އެ މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ފުލުހުން ވަނީ ހައިކޯޓުގައި އެދިފައެވެ. ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ އެންގުމަށް އަމަލުކުރުން ފަސްނުކޮށްފި ނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީ އެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ތަންފީޒު ކުރުމުގެ ގޮތުންނެެވެ. އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ރައީސް ގަރާރުގަައި ވަނީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން