އައްޑޫގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކުގެ މައްސަލައިގައި މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ތަފާތު ސުވާލެއް އުފައްދަވައިފިއެވެ.

ޗާގޯސްގެ މައްސަލާގައި ހާމަކަން ބޮޑުކޮށް ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވި ބައެއް ބޭފުޅުންވެސް ޓެގް ކުރައްވާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗާގޯސްއަކީ ރާއްޖޭގެ އަތޮޅެއްކަމަށް ހަމަޖެހިއްޖެނަމަ އެ ތަނުގައި އުޅޭ ބާރަހާހެއްހާ ކުރިސްޓިއަން، ރައްޔިތުން ދިވެހި ރައްޔިތުންނަށް ވާނެތޯ ސުވާލު ކުރައްވާފައެވެ.

ޝަރީފް މިފަދަ ސުވާލެއް ކުރެއްވިއިރު، ޗާގޯސްއަކީ އެތައްގޮތަކުން ރާއްޖެއަށް މިލްކުވާންޖެހޭ ތަނެއްކަމަށާއި ފުރަތަމަ ކުރަންވީ އެތަން ރާއްޖެއަށް ހޯދުމުގެ މަޝްވަރާކަމަށް މި މައްސަލާގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅު ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރެވެ.



އެ ބޭފުޅުން ވިދާޅުވަނީ، ތާރީހީ ގޮތުން ބެލިޔަސް އަދި މޮރިޝަސްއާއި ޗާގޯސްއާއި ހުރި ދުރުމިނާއި ރާއްޖެއާއި ޗާގޯސްއާއި ހުރި ދުރުމިނަށް ބެލިޔަސް އެ ތަނަކީ ރާއްޖޭގެ އިހުތިސާސްގައި ހިމެނެންޖެހޭ ތަނެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން މަސައްކަތް ކުރަންވެސް ވާނީ އެމަގުންކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނަމުންދަނީ، އިސްތިއުމާރު ކުރުމުގެ ވިސްނުމަކީ އެއްވެސް ވަރަކަށް ސަރުކާރުން ތާއީދު ކުރާނެކަމެއް ނޫންކަމަށާއި، އެތަނަކީ މޮރިޝަސްގެ ތަނެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކޮށް އެކަން ރައީސް ޞާލިޙްގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން