މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް ކޮޕް27 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަވާކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމުން ބުނެފިއެވެ.

ކޮޕް27 ގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަށް ރައީސް ނަޝީދު ވަޑައިގެންނެވުމާއި ގުޅިގެން އެމްއާރްއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ރޫހާ ހިލާފު، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއިން ވެސް ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ޕާޓީން ބުނީ، ކުރިން ރައީސްކަން ކުރައްވާފައިވާ އަދި ގާނޫނު ހަދާ މަޖިލީހުގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން މިފަދަ އަމަލެއް ރައީސް ނަޝީދު ހިންގެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

އެމްއާރްއެމުން މިގޮތަށް ބަޔާނެއް ނެރުނުއިރު ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުޙައްމަދު މުނައްވަރާއި އަލްޢުސްތާޛާ އާޒިމާ ޝުކޫރުގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް ވަނީ ރައީސް ނަޝީދުގެ މި އަމަލު ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން