ފަގީރުންގެ ލިސްޓު އެއްކޮށް ހުސްކޮށްލުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމްގެ ފަހުމުނަމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމްގައި އެންމެ ބޮޑަށް ބެލީ ރާއްޖޭގައި އޮތް ފަގީރުންގެ ލިސްޓުން މީހުން މަދުކުރެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރަށްރަށުގައި ތިބި ފަގީރުންނަށް އެހީތެރިވެދީ، އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވާން އެހީތެރިވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާއިވެސް މަޝްވަރާކުރެއްވިކަމަށެވެ. އަދި ފަގީރުކަމަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކާއި ގުޅިފައިވާކަމެއްކަމަށާއި ފަގީރުކަން ނައްތާލެވެނީ އިޤްތިޞާދީގޮތުން ފުދުންތެރިކަން އައިސްގެންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިއަދު ފެށި ޒަކާތު ނަފާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ނިމޭއިރު 96 ރަށުގައި ފަގީރުންނެއް ނުތިބޭނެކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި 46 ރަށަކަށް އަމާޒުކުރާނެކަމަށާއި މީގެ މައިގަނޑު ބޭނުމަކީ އެފަދަ ފަރާތްތަކަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ފަގީރުން އެ ހާލަތުން އެހެން ހާލަތަކަށް ގެންދިއުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.



"ޒަކާތު ނަފާ" ޕްރޮގްރާމަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.

ޕްރޮގްރާމްގައި އާއިލާތައް ބައިވެރިކޮށް، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށޭނެ ގޮތް ހޯދައިދިނުމަށް، ބީސީސީއާއި އެގްރޯނެޓް އަދި ކައުންސިލްތައް ގުޅިގެން ވަނީ މަސައްކަތްތައް ފަށާފައެވެ. ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނެތް އާއިލާތަކަށް، އެމީހުން ދިރިއުޅޭ ގޭ ގެއިން ކުއްޔަށް ދިނުމަށް ކޮޓަރި ހަދާ، ދޫކުރުންފަދަ އެހީތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން