އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2022 - 16:35
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން 2 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފިއެވެ.

ފަނޑިޔާރުން އައްޔަން ކުރައްވާފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި، ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ޖޭއެސްސީން ނިންމާފައިވަނީ މ.ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށާއި، ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނަޢީމް ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށެވެ.

މިއީ 2022 އޮކްޓޫބަރު 30 ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 76 ވަނަ ބައްދަލުވުމުގައި ނިންމެވި ނިންމެވުމެކެވެ.

އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި 3 އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ޙިދުމަތްކޮށްދެއްވާ، 2019 ފެބްރުއަރީ 11އިން ފެށިގެން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް އަދާކުރައްވާފައިވެއެވެ.

އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވާ، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. އަދި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުޢީ ދާއިރާއަށް ޙިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމް ވަނީ އަދާކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 4 ޑިސެމްބަރު 2022ވާ އާދިއްތަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން