އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2022 - 10:59
ފަރުކޮޅުފުށި އޮތް ސަރަހައްދަށް ބަދަލުކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެސްޖެހި ގަނޑުވަރު ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެޗްޑީސީން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އެ މަސައްކަތް ކުރުމަށް އެދި ހުށަހަޅައިފިނަމަ، މަސައްކަތް ހަވާލު ކުރުމުގައި އިސްކަން ދޭނީ އެޗްޑީސީގެ މާސްޓާޕުލޭނާއި އެތަން ތަރައްގީ ކުރުމުގައި އެ ކޯޕަރޭޝަނުން ގެންގުޅޭ ވިސްނުމާއި އެންމެ އެއްގޮތް މޮޑެލްއެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އެޗްޑީސީން ބުނީ އެސްޖެހި ގަނޑުވަރު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އިންވެސްޓުމަންޓު ގައިޑްލައިންއާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެކްސްޕުރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) އެޕްލިކޭޝަން ފޯމު މި މަހުގެ 23، ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށެވެ.

އެސްޖެހިގެއަކީ މާލޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނެކެވެ. ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި އެސްޖެހި ގަނޑުވަރު ބިނާކުރެވުނީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ.

އެސްޖެހި ގަނޑުވަރު ނުވަތަ އެސްޖެހިގެއަކީ އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނުގެ ގަނޑުވަރުކަމުގައި ބުނެވެއެވެ. އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނަކީ ސުލްތާން އިމާދުއްދީން 6 ގެ ރަސްކަމުގައި އުޅުއްވި އޭރުގެ މަޝްހޫރު ބޭފުޅެކެވެ. މިގަނޑުވަރު ބިނާކޮށްފައިވާ ސަރަހައްދަކީ ތާރީޚީގޮތުން މާލޭގެ މުހިއްމު ގިނަ ބިނާތަކެއްވެސް ހުރި ސަރަޙައްދެކެވެ.

މި ގަނޑުވަރުގެ ލަކުޑިން ހަދާފައިވާ މަތީފިލާއާއި ދޮރުތަކަށް 119 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މި ގަނޑުވަރަށް ވަދެވެން ހުންނަ މައިދޮރުގެ މަތީގައި ހަރުކުރެވިފައިވާ ލޯފޮއްޗެއްގައި ލިޔެފައިވާގޮތުން މި ގަނޑުވަރުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށީ 17 އޮކްޓޯބަރ 1872 ގައެވެ.



ކިޔުންތެރިންގެ ހިޔާލު