އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2022 - 9:58
ދައުލަތުން މިހާތަނަށް 29.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 21.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ދައްކާގޮތުން މިއަހަރު 24.2 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މިދިޔަމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 21.6 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 15.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެތެރެއިން 15.5 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީއެވެ. އަދި 5.9 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 308 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 776 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރޭގައި އެކި އެކި ފީގެ ގޮތުގައި 2 ބިލިއަން ރުފިޔާ އާއި ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ.

އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރި ގޮތަށް ބަލާއިރު، ޖުމްލަ ހަރަދު 29.34 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 21.6 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި 7.8 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

ރިކަރަންޓް ހަރަދަށް 21.6 ބިލިއަން ރުފިޔާ އަރާފައިވާއިރު އޭގެތެރެއިން 8.2 ބިލިއަން ރުފިޔާއަކީ މުސާރައާއި ޕެންޝަން ދިނުމަށް ހޭދަކޮށްފައިވާ ފައިސާއެވެ. އަދި 13.2 ބިލިއަން ރުފިޔާއަކީ އިދާރީ ހިންގުމުގެ ހަރަދެވެ.



ކިޔުންތެރިންގެ ހިޔާލު