އެމްޑީޕީގެ ލަދުހަޔާތެއް ހުރިއްޔާ ޑިމޮކްރަސީއޭ ނުކިޔާ މިއަދު އެބޭފުޅުން ތިބެންވާނީ ގޭގައި ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދާ ޕީޕިއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު މާލޭގައި ވޯޓުލުން ކުރިއަށްދިޔަ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިޔުމަށް މި ސަރުކާރުން ހުރަސް ނާޅާކަމަށް އެމްޑީޕީން ބުނާބުނުމާއި ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެން ޔާމީން ވިދާޅުވީ، ޕީޕީއެމުން ވޯޓުލާއިރު ވޯޓުފޮށީގެ ގޮތުގައި ހުރީ ޓައްޕުތަކާއި އުވަގަށާ މެޝިން ނޫން ކަމަށެވެ. އަދި އެހެން ނޫނަސް އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދެއްކުމަށާއި އެމްޑީޕީންވަނީ މުޅި ގައުމު ވިއްކާލާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމްޑީޕީގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ޑިމޮކްރަސީއޭ ނުކިޔާ މިއަދު ތިބޭނީ ގޭގައި ކަމަށެވެ.

ޔާމީން ވަނީ، ޕީޕީއެމްގެ އެތެރޭގެ މި އިންތިހާބަކީ ވަރަށް ޑިމޮކްރެޓިކް އިންތިހާބެއް ކަމަށާއި މި އިންތިހާބު ނަމޫނާއަކަށް ބައްލަވައިގެން އެމްޑީޕީގެ ބޭފުޅުންވެސް މަގުޗާޓު ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.



ޔާމީން މިފަދައިން ވިދާޅުވިއިރު، މިއަދު ކުރިއަށްދާ އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުން ފޮނުވައިގެން ސިޔާސީ ހަރަކާތް ނުހުއްޓުވާނެކަމުގެ ހެއްކެއްކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް މިއަދުވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިކަމަށް އެ ޕާޓީން އަބަދުވެސް ތުހުމަތު ކުރެއެވެ. އޭރު އެމްޑީޕީންވަނީ ފުލުހުން ބައެއް ވޯޓުފޮށިތައް ގެންދިޔުމުން އުވަގަށާ މެޝިންތަކަށްވެސް ވޯޓުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު