މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްދިއެވެ.

މީރާއިން މިކަން ހާމަކޮށްފައިވަނީ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައެވެ.

މި ރިޕޯޓުގައި މީރާއިން ބުނީ ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ކުރި މަސައްކަތުން 484.7 މިލިއަން ރުފިޔާ ހޯދާފައިވާކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައިވެސް މީރާއިން ވަނީ ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ 478.9 މިލިއަން ރުފިޔާ ހޯދާފައެވެ.

ތިންވަނަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 12685 ފަރާތަކަށާއި، ދަޢުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 13600 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާކަމަށްވެސް މީރާއިން ބުނެއެވެ.

ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވާއިރު އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 134 ފަރާތަކަށް ވަނީ ހަމަޖައްސާދީފައެވެ.

މީރާގެ ކުއާޓްލީ ރިވިއު ރިޕޯޓްގައިވާ ގޮތުން 3 ވަނަ ކުއާޓަރުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށްވާ 2.1 ބިލިއަން އޮތީ ނުލިބިއެވެ.

ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ރުފިޔާއަކީ ޖުމްލަ 5.5 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7.27 އިންސައްތަ އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު