އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމު ނިންމައި ހިދުމަތް ދޭން ފެށީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއް ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެެވެ.

ތޯރިގް މިހެން ވިދާޅުވީ މާދަމާ ރައީސް ޔާމީން އައްޑުއަށް ވަޑައިގަންނަވާތީ އެކަމާ ގުޅިގެން ފޭދޫގެ ތާރު މަގެއްގައި ހޮޅި އަޅަން ކޮނުނުގޮތަށް ނުނިންމައި އޮއްވައި ނަގާފައިވާ ފޮޓޯތަކަކާ އެކީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓެއްގައި އެ މަގު މިހާރު އޮތް ގޮތް ބައްލަވާލައްވަން ވެސް ރައީސް ޔާމީން ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ނިހާދު ހައްދަވަނީ ހުސް އިތުރުފުޅު ކަމަށެވެ. އަދި ފޭދުއާއި މަރަދޫފޭދޫގެ އިތުރުން މަރަދޫ ރައްޔިތުން ނިހާދު ދެއްކެވި ވާހަކަ ގަބޫލެއް ނުކުރާނެ ކަމަށާއި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

"… އެމްޑީޕީގެ ކުރީ ސަރުކާރުގައި ބައި ވޯޓާއާ ހަވާލުކުރި ފެނުގެ މަޝްރޫއު ހުއްޓާލީމަ، އެ މަޝްރޫއު މަސައްކަތް އަލުން ފައްޓައި ސާފުފެން ގޭބިސީތަކައް ފޯރުކޮށް ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި." ކުރީގެ މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ ފޭދޫގެ ނަރުދަމާގެ މަސައްކަތް ފަރުމާކޮށް އަމަލީ މަސަތްކަތް އެމްޓީސީސީއާ 2017 ގައި ހަވާލުކޮށް 2018 ގެ ނޮވެންބަރު މަހާ ހަމަޔައް ދިޔައިރު އެ މަސަތްކަތުގެ 95 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ. އަދި ހަގީގަތަކީ އެމްޑީޕީގެ މިހާރުގެ ސަރުކާރަށް ހަތަރު އަހަރު ފުރެމުންދާއިރު ވެސް ފޭދޫ، މަރަދޫފޭދޫ އަދިމަރަދޫގެ ނަރުދަމާގެ މަސަތްކަތް އެއްކޮށް ނިންމާނުލެވޭ ކަން ކަމަށް ތޯރިގް ވިދާޅުވިއެވެ.

އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެންމެ ފުރަމަ ފެށީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު އެ މަަސައްކަތް ހަވާލުކުރީ އިނގިރޭސިވިލާތުގެ ބައި ވޯޓާއާ އެވެ. އެހެން ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނުދާތީ އެއްބަސްވުން ފަހުން ވަނީ އުވާލާފައެެވެ. އޭގެ ފަހުން އައްޑޫގެ ނަރުދަމާގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީގެ އިތުރުން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫގެ ނަރުދަމާ ނިޒާމު އިފުތިތާހުކުރީ 2017 ގެ އޭޕްރީލް މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު