މިހާރު އަމަލު ކުރަމުންދާ މަދަނީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އިންސާފު ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފް ބޮޑު ކަމަށް އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެެެވެ.

މިހާރު އަމަލު ކުރަމުންދާ މަދަނީ އިޖްރައާތުގެ ގާނޫނާއި ގުޅިގެން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މަދަނީ އިޖުއާރަތުގެ ގާނޫނު މިހާރު އޮތް ގޮތުން ގިނަ ރައްޔިތުން އިންސާފު ހޯދުމަށް އުފުލަންޖެހޭ ތަކުލީފް ބޮޑު ކަމަށެވެ. އެގޮތަށް ކޯޓްތަކުގެ މައްސަލަތައް ހިނގާނަމަ ކޯޓުން ބޭރުން ހައްލު ހޯދުމަށް އާބިޓްރޭޝަނާއި އޮމްބަޑްސްމަން އުސޫލު ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް އިބްރާ ވިދާޅުވިއެވެ.



ބޮޑެތި ބަދަލު ތަކާއެކު ފާސްކުރި މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ ޖޫން މަހުއެވެ. އެ އެ ގާނޫނުގެ ދަށުން ކޯޓުގައި މައްސަލަ ކާމިޔާބުވި މީހާ ވަކީލުންނަށް ކުރަން ޖެހުނު ގާނޫނީ ހަރަދު މައްސަލަ ނާކާމިޔާބުވި މީހާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ހުކުމް ތަންފީޒުގައި މުދާ އަވަހަށް އަތުލުމާއި ދައުވާ ލިބޭމީހާ ކޯޓަށް ނައިސް ދެ ހަފުތާވުމުން ޣައިރު ހާޒިރުގައި މައްސަލަ ނިންމޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމައި އެއްބަސްވާ މައްސަލަތައް އަޑުއެހުމެއް ނެތި ހުކުމްކުރެވޭނެ ކަމަށް އެ ގާނޫނުގައިވެއެވެ.

މީގެ އިތުރުން އެ ގާނޫނާއެކު ފައިސާ ދައްކަންޖެހޭ މީހާގެ މުދަލާއި ފައިސާ ހުކުމް ތަންފީޒު ވަންދެން ކޯޓުތަކުން މޮނީޓާ ކުރަމުން ދާނެއެވެ. އަދި ހުކުމުގެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އޭނާގެ މުދަލާއި ފައިސާތައް ހިފެހެއްޓުމަށް ކޯޓުގައި އެދެވިދާނެ އެެވެ. ދަރަނި އަދާކުރެވެންދެން މުދާ ހިފެހެއްޓުމުގެ ބާރު ވެސް ކޯޓަށް އެ ގާނޫނުގެ ދަށުން ވަނީ ދީފައެވެ.

ރާއްޖޭގައި މިހާތަނަށް ލިޔުނު އެންމެ ދިގު އެ ގާނޫނަށް އަމަލުކުރަން ފެށިޔަސް، ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހޭތީ ގާނޫނީ ބޭފުޅުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަައެވެ. އެއީ އެކި ރަށްރަށުގެ ކޯޓުތަކުން އެކި ގޮތަށް ގަވާއިދު ހަދައިގެން އަމަލު ކޮށްފާނެތީ އެވެ. ގާނޫނު ބުނާގޮތުން ގަވާއިދު ހަދަންޖެހޭނީ ކޮންމެ ކޯޓަކުން ވަކިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން