ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮޕް27 ސަމިޓްގައި ލަންކާ ތަމްސީލް ކުރައްވާތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާޒިމާ ޝުކޫރު ފާޑުވިދާޅުވެއްޖެ އެވެ.

ކޮޕް ސަމިޓަކީ މޫސުމީ މައްސަލަތަކާއި ބެހޭގޮތުން ބޮޑެތި ނިންމުންތައް ނިންމުމަށް ބާއްވާ ބައިނަލްއަގުވާމީ ބޮޑު ކޮންފަރެންސެކެވެ. އެގޮތުން މޫސުމީ ނާޒުކު ގައުމުތަކަށާއި ބޮޑެތި ގައުމުތަކުގެ ތަރައްގީގެ މަޝްރޫޢުތަކުން ތިމާވެއްޓަށް ލިބޭގެއްލުންތަކުން އަރައިގަތުމަށް ހިންގާ މަޝްރޫޢުތަކަށް އެހީދިނުމާއި ބެހޭގޮތުން މުހިންމު ނިންމުންތައް ނިންމަނީ ވެސް މި މޮންފަރެންސްގައެވެ.

މި ސަމިޓްގައި ރައީސް ނަޝީދު، ރާއްޖެ ތަމްސީލު ކުރެއްވުމުގެ ބަދަލުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރެއްވުމުން އާޒިމާ މިއަދު ވިދާޅުވީ، އޭނާއަކީ ރައީސް ނަޝީދަށްވެސް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަަށް ވެސް ޝައުގުވެރިކަމެއް ހުރި ބޭފުޅެއް ނޫންކަމަށެވެ.

ނަމަވެސް، ބައިނަލްއަގުވާމީ އެފަދަ ބޮޑު ކޮންފަރެންސްއެއްގައި ރާއްޖޭގެ ބަދަލުގައި ރައީސް ނަޝީދު، ސްރީލަންކާ ތަމްސީލު ކުރައްވާތީ އެކަމާ ހިތާމަ ކުރެއްވުނު ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއްގެ ގޮތުގައި ދެކިވަޑައިނުގެންނެވުނު ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ދިވެހި ގައުމުގެ ކަންކަން އިސްވާނެޖެހޭނެ ކަމަށާއި ގައުމާއި ގުޅުންހުރި ކަންކަމުގައި އެންމެންވެސް އެކައްޗަކަށް ވާންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު