ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މިއަދު ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ނާއިބް ރައީސް ވަނީ ނޮޅިވަރަމް ކައުންސިލާއި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އައު އިންޖީނުގެ އެޅުމާއި ޒަމާނީފެންވަރަށް މަގުތައްހަދައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.



​ނޮޅިވަރަމް ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުޙަލާގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ނޮޅިވަރަމް ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި ނައިބު ރައީސް ވަނީ އެތަނުގެ ވަސީލަތްތަކާއި ޚިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވައި ޞިއްޙީމަރުކަޒުގައި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވާފައެވެ.



އަދި އެމަނިކުފާނުވަނީ، ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ވަނީ ހިތްވަރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު