މެލޭޝިއާގައި އެކްސިޑެންޓު ހިނގި ސަރައްދުގެ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ
މެލޭޝިއާގައި އެކްސިޑެންޓު ހިނގި ސަރައްދުގެ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ
މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި ދިވެހި ޒުވާން ދަރިވަރަކު ނިޔާވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ މެލޭޝިއާގައި މަތީ ތަޢުލީމު ހާސިލުކުރަމުންދިޔަ އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމްއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވަނީ، މަރްޙޫމާ އިމީލީގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙްމަތާއި މަޣްފިރަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި މި ބޮޑު ހިތާމައިގެ ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިމީލީ ނިޔާވި މި އެކްސިޑެންޓް ހިނގާފައިވަނީ، "ގްރެބް" އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ޓެކްސީއެއްގައި ދަތުރުކުރަމުން ދަނިކޮށް ހައިވޭއެއްގެ ޓޯލް ގޭޓް ކައިރިންނެވެ. މި ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެމީހުން އިން ކާރު ބާރު ސްޕީޑުގައި ގޮސް ކުރިމަތީގައި އޮތް އެހެން ކާރެއްގެ ފަހަތުގައި ޖެހި، ކޮންޓްރޯލުން ނެއްޓި އަނެއްފުށަށް ފުރޮޅާލައިގެންދާ މަންޒަރެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި އިމީލީގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭނާ ނިޔާވީ ހާދިސާ ހިނގި ތަނަށް ކަމަށް ވެއެވެ. މި ކާރުގައި އިމީލީއާއެކު ދަތުރުކުރި އިތުރު ދިވެހި އަންހެން ދަރިވަރަކު އިން ނަމަވެސް، އޭނާއަށް މާ ބޮޑު އަނިޔާއެއް ނުލިބި ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު