ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމަށް ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަން ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިޔަސް ވައްކަން ނޫން ކަމެއް ނުކުރައްވާނެކަން ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

3 އަހަރު ފަހުން ރައީސް ޔާމީން މީޑިއާތަކާއި ބައްދަލުކުރައްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ނޫސްވެރިން ކުރި ގިނަ ސުވާލުތަކަކަށް ޖަވާބުދެއްވާ، ހިޔާނާތާއި އެމަނިކުފާނާއި ގުޅުވައިގެން ކުރެވޭ ގިނަ ތުހުމަތުތަކަށް ރައްދުދެއްވާ ވާހަކަފުޅު ދައްކަވާފައިވަނިކޮށް ޝިފާއު ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތް ފެށުނީއްސުރެ އިދާރާތަކުން އޭރުގެ ވެރިމީހާގެ ސަމާލުކަމަށް އެކަން ގެންނަމުން އައި ނަމަވެސް، ވައްކަން ހުއްޓުވުމުގެ ބަދަލުގައި އެމަނިކުފާނު ގެންދެވީ ވައްކަމުގައި ބައިވެރިވެވަޑައިގެން ވައްކަންތައް ވިލަރެސް ކުރައްވަމުން ކަމަށެވެ.

"މިހާރުވެސްދަނީ އިތުރަށް ހޯދަންޖެހޭ 4 މިލިއަން ޑޮލަރުއޮތް ކަމަށް ވަކާލާތުކުރަމުން. ވެރިކަމުގައިހުރެ ބައިރުފިޔާއެއް ލިބި، އެލިބުނުގޮތް ރައްޔިތުމީހާ ބުނެދޭންއެދިއްޖެނަމަ އެފައިސާ ލިބުނުގޮތް ބުނެދެވެންޖެހޭނެ. ނުބުނެދެވޭނަމަ އެ އިއުތިރާފުވެވެނީ ސައްހަގޮތުގައި ހޯދި ފައިސާން ނޫންކަން." ޝިފާއު ވިދާޅުވި އެވެ.



ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ނޫސްވެރިންވެސް ސުވާލު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާއާއި ގުޅޭގޮތުންނެވެ. އެ ސުވާލުތަކަށް ރައީސް ޔާމީން ދެއްވި ޖަވާބުތަކުން ގިނަބަޔަކު ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ އެކި މައްސަލަތަކުގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސްވަނީ އެކި ދައުވާތައް އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު