މާލެއިން ފުރައިގެން 16 މީހުންނާއެކު އައްޑޫއަށް ދަތުރުކުރަނިކޮށް ލ. މާމެންދޫގެ އުތުރު ފަރާތު ފަރަށް އެރި "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓް، އެމްެއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ފުންކޮށްފިއެވެ.

މި ބޯޓް ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އޮގަސްޓް 9 ވަނަ ދުވަހުގެ ރޭ ފަތިހު 03:25 ހާއިރުއެވެ.

މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސްކޮޑްްރަންގެ އުޅަނދެއްގައި ސިފައިން އެ ސަރަހައްދަށް ދިޔައެވެ. އަދި އެ ސަރަހައްދަށް ގޮސް ބޯޓްގެ ފަޅުވެރިންނާ ގުޅިގެން ބޯޓްގައި ހުރި ގިނައަދަދެއްގެ މުދާ ލ.މާމެންދޫއަށް ބޭލުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ބޯޓުން ފަޅައިގެން ގޮސްފައިހުރި ތަންތަން ބެއްދުމުގެ މަސައްކަތްކޮށްފައެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނެންޓްގެ ސިފައިން ވަނީ ބޯޓުން ފެންހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފުން ބުނީ، "ނިއުލައިން" ބޯޓް ފުންކުރުމަށް ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ކުރި ބުރަ މަަސައްކަތުން ބޯޓް ފުންކުރެވިފައި ވަނީ މިއަދު 11:05 ހާއިރު ކަމަށެވެ. އަދި މި ބޯޓް ސަލާމަތްތެރިކަމާއެކު ލ.މާމެންދޫ ބަނދަރަށް ވަނީ ގެނެވިފައި ކަމަށާ މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު