ސަރުކާރުން ހިންގަމުން އަންނަ 3 އެއަރޕޯޓަކަށް ރޭގަނޑު ދަތުރުތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއަރޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ އެއަރޕޯޓްގައި ލައިޓް ޖެހުމަށް ހަވާލުކޮށްފައިވާއިރު ހޯރަފުއްޓާ މާވަރުލު އެއަރޕޯޓްގައި ލައިޓް ހަރުކުރަން ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޑިވަރު އެއަރޕޯޓްވެސް ހަވާލުކުރުމުން، އެ އެއަރޕޯޓަށްވެސް ރޭގަނޑު ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގަނޑު ފްލައިޓްތައް ނުބާއްވާތީ ބައެއް ސަރަހައްދުތަކަށް ބައެއް ދުވަސްވަރު ޓިކެޓް ހޯދުމަކީ ދަތިކަމެއްކަން އާއްމުން ފާހަގަކުރެއެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފަހުން ތަރައްޤީކޮށް ޚިދުމަތް ފެށި ގިނަ އެއަރޕޯޓްތަކަކީ ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި ނެތުމެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދަވާ ކުންފުނީގެ ޚިދުމަތްތައް ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއަރޕޯޓްގެ ތެރެއިން 6 އެއަރޕޯޓެއް ހިންގުމާއި ހަވާލުވެ އެ މަސައްކަތްތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު