ކުރީގެ ސަރުކާރުގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބައިވެރިވުމާއެކު ހިންގި ހިޔާނާތެއް ކަމަށް ތިމަރަފުށި ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ ސަރުކާރެއްގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ، ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޢަބްދުﷲ ރިޔާޒު މިއަދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގާފަވަނީ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބައިވެރިވުމާއިއެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އެކަނިވެސް ދެވަނަ ދައުރެއް ޔާމީނަށް ދޭން ނުޖެހޭ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، ދެން ޕީޕީއެމްގެ ވެރިކަމެއް އުފެދިއްޖެނަމަ، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯއްދަވާނެ ކަމަށާއި، ގެއްލުނު ފައިސާއިން ބޮޑުބައެއް އަދިވެސް ހުރީ ސިންގަޕޫރުގެ ބޭންކެއްގައި ހުރި ތިޖޫރީއެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ނުލިބި، އެކަމުގައި ޝާމިލުވި މީހުން ދިގު މުއްދަތަކަށް ޖަލަށްލުމުން އަދި ނުފުދޭ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރިޔާޒު ފާޑުވިދާޅުވިއިރު، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވެސް ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ހިނގާފައިވާ ވައްކަމާއި ކޮރަޕްޝަން ފަދަ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތް ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު