"ފްރަންޓިއަރ" ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

"ފްރޮންޓިއަރ ޓެކްނޯލޮޖީ"އަކީ އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް، އޮގްމެންޓެޑް/ވަރޗުއަލް ރިއަލިޓީ، ރޮބޮޓިކްސް، އޮޓޮނޮމަސް ވެހިކަލްސް، ސްޕޭސް، ޑިޖިޓަލް ފައިސާ އަދި ޖެނޯމިކްސް ފަދަ ޓެކްނޯލޮޖިކަލް ޤާބިލުކަމަށް ބާރުއަޅާ އިންޑަސްޓްރީތައް ސިފަކުރުމަށް ބޭނުންކުރާ އިބާރާތެކެވެ. މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އިޤްތިސާދީ ސިނާއަތްތަކާއި، މުވާސަލާތީ ގުޅުންތައް އަލުން ބައްޓަންވެ، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދެއެވެ.

މިފަދަ ޓެކްނޯލޮޖީތަކާއި އެއިން ހުރި ފުރުސަތުތަކާއި ހިރާސްތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި ގެނައުމަށްޓަކައި، ފްރޮންޓިއަރ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި ދައުރު މިއަދު ދޫކޮށްލެވޭކަށް ނެތްކަމަށެވެ. އަދި މި ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިޤްތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިއްވަރުދޭ، ބޭނުން ކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ގަވަރުނަރު، ޢަލީ ހާޝިމް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް މާކެޓަށް އަންނަމުންދާއިރު، މާލީ ދާއިރާގެ އިތުރުން ހުރިހާ ސިނާއަތަކުންވެސް، ބާޒާރުގައި ހުރި ފުރުސަތުތައް ހޯދައި، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ. އަދި އެމް.އެމް.އޭ އަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށްވެފައި، އަދި މާލީ ބާޒާރުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން މި ޓެކްނޯލޮޖީތަކުން ހާސިލްކުރަންބޭނުންވާ ކަމަކީ، ގައުމުގެ މާލީ ހަމަޖެހުމާއި ޖުމްލަގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ތެރެއިން ޒަމާނީ ވިސްނުންތަކެއް ގެންގުޅުންކަން ބަޔާންކުރެއްވިއެވެ.

“ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެކައުންޓް” ޕްރޮޖެކްޓްގެ ދަށުން ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ މިހާރު ހުރި ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން ވަކި އޮނިގަނޑެއްގައި ޓެކްނޯލޮޖީ ރެގިއުލޭޓްކޮށް ތަޖުރިބާކުރުމަށްޓަކައި ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމެވެ.



ޑިޖިޓަލް ޓެކްނޯލޮޖީ އަދި އައު އީޖާދުތައް ތައާރަފްކުރަމުންދާއިރު، ޚާއްސަކޮށް މާލީދާއިރާގައި ތައާރަފްވަމުންދާ ޑިޖިޓަލް ފައިސާފަދަ ޓެކްނޯލޮޖީތަކުގެ ފައިދާ ލިބުމުގައި، ގައުމުތަކުގައި މިހާރު ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައިވާގޮތުން، ގޮންޖެހުންތައް ކުރިމަތިވަމުންދާކަން އެންވަޔރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު