ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ އާލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ބަންދުން ދޫކޮށްލައިފިއެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ.

ހައްޔަރުކުރުމަށްފަހު ނާޒިމްގެ ބަންދަށް 7 ދުވަސް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން އިތުރު 7 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ނާޒިމް ރޭގައި ބަންދުން ދޫކޮށްލީ އެ މުއްދަތު ހަމަވުމުންނެވެ.

އޭނާގެ ބަންދު އިތުރުކުރަން ކޯޓަށް ނުގެންދަން ނިންމި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނާޒިމް ދޫކޮށްލާފައިވާއިރު ފުލުހުން މިހާރު ވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ނާޒިމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަދި ފުލުހެއްވެސް ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު