އަހުމަދު މަސްނޫމް   11 އޯގަސްޓު 2022 - 10:56
މިއަހަރު ރާއްޖެ ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ ޒިޔާރަތްކުރާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާގެ ވަގުތެއްގައި ރާއްޖެ ޒިޔާރަތްކުރާއިރު، އޭނާ ޒިޔާރަތް ކުރާ ސީދާ ވަގުތެއް އަދި ނޭނގެއެވެ. ނަމަވެސް އެ ވަގުތާއި ދިމާކޮށް އެމްއެމްޕީއާރުސީން ހާއްސަ ހަރަކާތްތަކެއް އެއަރޕޯޓުގައި ބާއްވާނެއެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާގެ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 960075 ފަތުރުވެރިން އައިސްފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ އިންޑިއާ ފަތުރުވެރިންނެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.4 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 133561 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރާއި އަޅާ ބަލާއިރު 1.1 އިންސައްތަ އިތުރު އަދަދެކެވެ.

ވަކިވަކި މަސްތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އޭޕްރީލްމަހުއެވެ. އޭޕްްރީލް މަހު 145279 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4649 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު