އަހުމަދު މަސްނޫމް   11 އޯގަސްޓު 2022 - 1:21
ފަހަކަށް އައިސް ގިނަ ބަޔަކު ގުުޅެމުންދާ ޖުމުހޫރީ ޕާޓީއަށް އަނެއްކާވެސް ޒުވާނުންތަކެއް މިރޭ ސޮއިކޮށްފިއެެވެ.

ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއަށް ސޮއިކޮށްފައިވަނީ މާލޭ ސަރަހައްދުގައި ޒުވާނުންގެ މެދުގައި މަގުބޫލު އިހުސާނުއްދީން ރަޝީދު (އިހޫ) އާއި މުވާޒުއްދީން ރަޝީދު (މުވާ) އެެވެ. އެ ދެ ޒުވާނުން ޖުމުހޫރީ ޕާޓީއަށް ސޮއިކުރި ފޯމާއި ހަވާލުވެވަޑައިގަތީ އެޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

މިހަފުލާގައި މީޑިޔާއާއި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ، ޖޭޕީއަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި ޖޭޕީގެ އަމާޒަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއަކަށް އަބަދުވެސް ވުން ކަމަށެެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ޖޭޕީން އަބަދުވެސް އަމާޒު ހިފައިގެން މަސައްކަތް ކުރަނީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ޕާޓީއަކަށް ވުމަށެވެ.

މިހަފުލާގައި ޖުމުހޫރީ ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު