މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ އެކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާކަމަށެވެ.

ފުލުހުން ބުނީ ސައްހަ ނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން ފާހަގަވެފައި ވަނީ މި އަމަލު ދެ ގޮތަކަށް ހިންގާކަމަށެވެ. މިފަދަ މުއާމަލާތްތަކާ ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރުވިއްކާ ކަމަށް އިޝްތިހާރުކުރެއެވެ. މިގޮތުން ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރެއެވެ. އެއަށްފަހު ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސައެވެ.

ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭނގަޑުގެ ވަގުތުތަކުގައެވެ. ޑޮލަރު ވިއްކާކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިސްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

"ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ދެފަރާތް އެއްބަސްވާ ތަނެއްގައި ބައްދަލު ކުރޭ. ބައްދަލުވުމަށްފަހު، ޑޮލަރު ގަންނަން ބޭނުންވާ މީހާއާ (ވިކްޓިމްއާ) ޑޮލަރު ހަވާލުކުރުމުގެ ކުރިން ދިވެހި ރުފިޔާ ޑޮލަރު ވިއްކާ މިހާއާ (ސަސްޕެކްޓާ) ހަވާލުކުރުމަށް ޝަރުތުކުރޭ. އެއަށްފަހު، ޑޮލަރު ގަންނަ މީހާއަށް ދޭ ޑޮލަރު ގުނަން ފެށުމުގެ ކުރިން ނުވަތަ ގުނަން ފެށުމުން، ޑޮލަރު ވިއްކަން އައި މީހާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލާ. މި ހާލަތުގައި ގިނަ ފަހަރަށް ޑޮލަރު ގަންނަން ބޭނުންވާ ފަރާތަށް ދީފައި ހުންނަނީ ސައްހަ ނޫން ޑޮލަރު ހިމެނޭ ގޮތަށް، ރުފިޔާ ދެއްކި އަދަދަށްވުރެ މަދުންކަން ފާހަގަކުރެވިފައިވޭ." ފުލުހުން ވިދާޅުވިއެވެ.



ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފަރ ކޮށްލާނެކަމަށް ބުނެ ފަހުން ހަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ފުލުހުންގެ ތަހުގީގުތަކުން ފާހަގަކުރެވޭކަމަށެވެ. މިފަދަ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޑޮލަރަކީ ސައްހަ ޑޮލަރުކަމަށާއި މިގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކުރެވޭ އިރު ކުށް ކުރި ފަރާތް ހޯދައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރެވުނުކަމުގައި ވީ ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.



މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަނގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު