މޯލްޑިވިއަންގެ ސީ ޕްލޭން ފްލައިޓެއްގެ ދަތުރުމަތިން ބޯޓުގެ ކެޕްޓަން އެއް އިންޖީނު ނިއްވާލިކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭފަދަ ބަޔާނެއް މޯލްޑިވިއަނުން ނެރެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މި ބަޔާން ނެރެފައިވަނީ މޯލްޑިވިއަންގެ ސީ ޕްލޭން ފްލައިޓެއްގެ ދަތުރުމަތިން ބޯޓުގެ ކެޕްޓަން އެއް އިންޖީނު ނިއްވާލިކަމަށް ބުނެ އާއްމުންގެ މީހަކު ވީޑިއޯއާއެކު ކުރި ޓްވީޓަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު އެކަމާއި ގުޅިގެން ބަޔާނެއް ނެރުނު ނަމަވެސް އެކަން ދޮގުކޮށްފައެއް ނުވެއެވެ.



މޯލްޑިވިއަންއިން ބުނީ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ޙާލަތެއްގައި އެކަމެއް ތަހުޤީގުކުރާނެކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެކުންފުންޏަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކާއި އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަމަށެވެ. އަދި ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސްކަމެއް ފާހަގަކުރެވިއްޖެ ޙާލަތެއްގައި އެކަމެއް ތަހުޤީގުކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާކަމުގެ ފުރިހަމަ ޔަޤީންކަން ދޭކަމަށް އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވެސް ވަރަށް ގާތުން ބަލަމުންދާ ކަންތައްތަކެއްކަން އައިލެންޑް އޭވިއޭޝަން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވިއަންގެ ސީ ޕްލޭން ފްލައިޓެއްގެ ދަތުރުމަތިން ބޯޓުގެ ކެޕްޓަން އެއް އިންޖީނު ނިއްވާލިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ތަޖުރިބާކާރުން ބުނާގޮތުން މިއީ އޭވިއޭޝަން ދާއިރާގައި މަނާކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު