އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާއަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ބައްޕަ ގޮވާލައިފިއެވެ.

ޝާހިލް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި އަނިޔާވެރިގޮތަކަށް އަންހެނަކު މަރާލިކަމުގެ ތުހުމަތުގައެވެ. މިހާދިސާގައި މަރާލާފައި ވަނީ ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުޙައްމަދު ސަޢީދުއެެވެ.

މިމައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ އުމުރުން 22 އަހަރުގެ އަލީ ޝާހިލްގެ ބައްޕަ އިބްރާހީމް ނަސީމް ބުނީ އެ އަނިޔާވެރި ކުށް އޭނާގެ ދަރިފުޅުގެ މައްޗަށް ސާބިތުވާނަމަ މަރުގެ އަދަބު ދޭން ޖެހޭނެކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ވިޔަސް އެފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެއްޔާ އަދަބު ލިބެންޖެހޭނެ،" މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝާހިލްގެ ބައްޕަ ބުންޏެވެ.

މިމައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ޝާހިލް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދި މަރާލި އަންހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު