އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދަށް ދައުވާކުރަން އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަދި ފޮނުވާފައި ނުވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އާލަމްގީރްއާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 3 މީހަކަށް ދައުވާކުރުމާ މެދު ޕީޖީގެ ލަފައަކަށް އެދި ފުލުހުންގެ އިދާރާއިން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ނަޝީދު ވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން މިއަދު ދިޔައީ ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާ ކުރުމުގެ ލަފައަކަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީއަށް ހުށަހަޅާފައިވަނީ، އާލަމްގީރް، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ ކަމަށެވެ.

ނަޝީދުގެ މައްޗަށް ދައުވާކުރަން އަދި ފޮނުވާފައި ނުވި ނަމަވެސް، އޭނާ މިހާރުވެސް ހުރީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު