ސަރުކާރުގެ އުފެއްދުންތެރިކަން އިތުރުކޮށް ހަރަދު ކުޑަކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އާމްދަނީގެ ގޮތުގައި މަހަކު 25000 ރުފިޔާއަށްވުރެ މަތިންލިބޭ މީހުންގެ އަތުން ރާއްޖޭގައި އިންކަމް ޓެކްސްނަގަން ވޯލްޑްބޭންކުން ލަފާދިނުމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ، ރާއްޖޭގެ ޑޮމެސްޓިކް ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ވިޔަފާރިއަށް ބަދަލު ކުރަންޖެހޭކަމަށެވެ.

އަދި ރާއްޖޭގެ އެތެރޭގައި ބޭނުންކުރެވޭނެ މުދަލާއި ހިދުމަތަކީ ކޮބައިތޯ ބަލައި ދިވެހިން އެކަމުގައި ބައިވެރިކޮށް އުފެއްދުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަކީ ދިވެހިންގެ ދިރިއުޅުމަށް އަސަރު ކުރާނެ ކަމެއްކަމަށާ، މިރާއްޖޭގެ ހިންގަނީ ވޯލްޑްބެންކާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނޫންކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖެ ހިންގަނީ ރާއްޖޭގެ އިގުތިސާދުގެ ތެރެއިން ލިބޭ އެއްޗަކުން ކަމަށެވެ.

އެހެންކަމުން، ޓެކްސްތައް ބޮޑުކުރުމުގެ ކުރިން، ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

ވާލްޑް ބޭންކުން މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ.

ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ތާއީދު ކުރާކަން ވޯލްޑްބޭންކުން ވަނީ ހާމަކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު