ބަންގްލާދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ 3 މީހަކަށް ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓަރ ޖެނެރަލްގެެ މަޝްވަރާ އަށް އެދި ހުށަހަޅައިފިއެވެ.

މި ނޫހަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދައުވާ ކުރުމާމެދު މަޝްވަރާއަށް އެދިފައިވަނީ، ބަންގްލާދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.

އެ ތިން މީހުނަށް ދައުވާ ކުރަން ފޮނުވުމާމެދު ފުލުހުންގެ އިދާރާއިން މަޝްވަރާއަށް އެދިފައިވާކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިހާރު އިންޓަނެޓްގައި ދައުރުވަމުންދާ އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކުގެ މައްސަލާގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ ބޮޑެތި މަގާމުތަކުގައި މަސައްކަތް ކުރާ މީހުނަށްވެސް ތުހުމަތު ކުރެއެވެ. އެގޮތުން، ހޯމް މިނިސްޓްރީ، ކަސްޓަމްސް، ފޮލީސް, އެމްއެންޑީއެފް، ގުރުއާނާބެހޭ މަރުކަޒުގެ އިތުރުން ތައުލީމީ ދާއިރާގެ ބައެއް ފަރާތްތައް ވެސް ވަނީ މި މައްސަލާގައި ވަޒީފާއިން ވަކިކޮަށް/ސަސްޕެންޑް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު