އަހުމަދު މަސްނޫމް   9 އޯގަސްޓު 2022 - 10:10
އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވާލްޑް ބޭންކުން މަރުހަބާ ކިޔައިފިއެވެ.

ސަރުކާރުން ވަނީ ޓީޖެސްޓީ 12 ޕަސެންޓުން 16 ޕަސަންޓަށް އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ނިންމާފައެވެ.

ވާލްޑް ބޭންކުން މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައިކަމަށެވެ. އޭގެ ތެރޭގައި، ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި ބުނީ ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔާކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށްކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓްގައިވެއެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ދުނިޔޭގެ އިޤްތިޞާދަށް މިވަގުތު އަންނަ ލޮޅުންތަކުން އަރައިގަނެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމުން، ޓީޖީއެސްޓީގެ ގޮތުގައި 6 ބިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ހިސާބުތަކުން ދައްކައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ.

ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ޓެކްސް ބޮޑުކޮށްފިނަމަ ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ. އެގޮތުން މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އެ އަދަދަށް 4 ޕަސަންޓް އިތުރުކުރުމުން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އަދި ޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއަށް 2 ޕަސަންޓު އިތުރުކުރުމުން 850 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެއެވެ.

މި އަދަދުތަކަކީ މިދިޔަ އަހަރުގެ ހިސާބުތަކުން އަދަދުތައް ޖެހުމުން ލިބޭ އާމްދަނީއަށްވާއިރު، މިއަހަރު ދައުލަތަށް ލިބޭ އާމްދަނީ ހުންނާނީ ކޯވިޑްގެ ކުރިން ދައުލަތަށް އާމްދަނީ ލިބުނު މިންވަރާއި ގާތަށްކަމަށް ސަރުކާރުން ލަފާކުރެއެވެ. އެހެންކަމަށްވާނަމަ މި އަދަދުތައް މިއަށްވުރެ އިތުރުވެ، ޓީޖީއެސްޓީ 6 ބިލިއަން ރުފިޔާއަށް، ޖީއެސްޓީ 3 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ސަރުކާރުން ލަފާކުރަނީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު 3 ބިލިއަން ރުފިޔާ ހޯދުމަށްކަމަށްވާއިރު، މިހާރު ޖަހާފައިވާ ހިސާބުތަކަށް ބަލާއިރު މިކަންކަން ހާސިލުކުރެވޭނެއެވެ.

ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް ކުރުމާއި، އިތުރު ޕްރޮޖެކްޓްތައް ފެށުން މަޑުޖައްސާލުން ހިމެނެއެވެ. މިކަންކަމާއެކު މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

އެގޮތުން ރާއްޖޭގެ އިޤްތިޞާދު މިއަހަރު 12 އިންސައްތައާއި 16 އިންސައްތައިން ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު