ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން އެދެމުންދާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްއޮންލައިން އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ގިނަ އަދަދެއްގެ މެމްބަރުން ފޯނުން ގުޅައި އެދެމުންދާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް އެދި އެއްވެސް ހުށައެޅުމެއް ޕާލިމެންޓްރީ ގުރޫޕަށް އަދި ހުށައަޅައިފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ދޮގު ވާހަކަތަކެއް ފަތުރާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެެޖެއްގައި ނަޝީދު ވަނީ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރަށްވާފައެވެ. އެހެން ނަމަވެސް ރައީސް ސާލިޙުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ތަރުޖަމާން ވަނީ އެކަން ދޮގުކުރަށްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވާ ސަބަބު ގަރާރުގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަަމަށްވާ އަލަމްގީރާއެކު، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަަށް ބޮޑަށް ފާޑުވިދާޅުވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު