އަހުމަދު މަސްނޫމް   30 ޖުލައި 2022 - 16:48
މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފިއެވެ.

އާއްމު ގޮތެއްގައި ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ. ނަމަވެސް ސައުދީ ސަރުކާރުން މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމީ މުހައްރަމްމަހުގެ 1 ވަނަ ދުވަހު ނުވަތަ ހިޖުރީ އައު އަހަރުގެ ފުރަތަމަ ދުވަހުއެވެ.

ނަމަވެސް މިއީ ކީއްވެގެން ގެނައި ބަދަލެއް ކަމެއް ނޭނގެއެވެ. އަދި މިއީ ދާއިމީ ބަދަލެއްކަމަށްވެސް ސައުދީ ސަރުކާރުން ނުބުނެއެވެ.



ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތުގައި އެކަމަށް ހާއްސަކުރެވިފައިވާ 150 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު، 670 ކިލޯއަށްވުރެ ގިނަ ސިލްކާއި 120 ކިލޯއަށްވުރެ ގިނަ ރަން ރޮއްޖާއި 100 ކިލޯއަށްވުރެ ގިނަ ރިހި ރޮދި ބޭނުންކޮށްގެން ވިޔެފައިވާ ކިސްވާގެ މަސައްކަތް ނިންމާ ޙަރަމަށް ގެންނަނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ އުޅަނދެއްގައެވެ.

ގެފުޅުގެ އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށް ވެސް ބައެއް ހިމެނޭ ގޮތަށެވެ. ގެފުޅުގެ އުރަކޮޅުގެ އުސްމިނުގައި 14 މީޓަރު އަދި ވަށަ މިނުގައި 47 މީޓަރު ހުރެއެވެ.



ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ޚާއްސަ ފެކްޓްރީއެއް ސައުދީގައި ގާއިމްކޮށްފައި ހުންނައިރު ކިސްވާ ތައްޔާރުކުރުމަށް 5.8 މިލިއަން ޑޮލަރު ހޭދަކުރެެއެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްފަހު ބައު އުރަކޮޅު ސާފުކުރުމަށްފަހު އޭގެ ބައެއް ބައިތައް އެކި އާސާރުތަކަށް ސައުދީ ސަރުކާރުން އަންނަނީ ހަދިޔާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު