މިއަދު ބިނާކުރެވޭ އާ ޖީލުގެ އަސްކަރީ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު މިހެން ވިދާޅުވީ ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރަސްމިއްޔާތުގައެވެ.

އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.



ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު