މި ގައުމުގެ ޒުވާނުން ދީނާ ގައުމިއްޔަތާ ދުރަށްދާ އެންމެ ބޮޑު އެއް ސަބަބަކީ، ބާރުވެރި އިލްމުވެރި ބޭފުޅުންގެ ޒުވާބު ކަމަށް ގާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅުވާ އިއްޔެ އޭނާ ވިދާޅުވީ، ބާރުވެރި އަދި އިލްމުވެރި ބޭފުޅުން ދެބަސްވެ ޒުވާބު ކުރުމަކީ ޒުވާން ކުދިން، ދީނާ ގައުމިއްޔަތާ ދުރަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. އަދި އެ ކުދިން މަގުފުރައްދަނީ އެ ބޭފުޅުންގެ ދަހިވެތިކަމުގެ ދޮގު ބަސްތަކާ މަކަރުވެރި އަމަލުތަކުން ކަމަށް ވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެހެން އެކަން ކުރުމަށްފަހު ދެން ލާދީނީ އޭ އެކްސްޓްރީމޭ ގޮވައިގެން ނުވާނެކަމަށެވެ.



ނަސީމް މިފަދައިން ވިދާޅުވެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ހައްޔަރު ކުރުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު ގެންދަވަނީ އެކި ބޭފުޅުންނަށް ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން، ރައީސް ޞާލިޙްގެ ބަދުއަހުލާގީ އަމަލުތަކެއްގެ ހެކި ނަޝީދު އަތުގައި ހުރިކަމަށް އިއްޔެ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ވިދާޅުވާ ހެކި މިހާތަނަށް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

ލިވާތު މައްސަލައިގައި ކޮއްކޯފުޅު ހައްޔަރު ކުރުމުން އެކަމުގެ ރުޅިގައި ނަޝީދު ވަނީ ކޮންޓްރޯލުން ނައްޓާފައި ކަމަށް ޕާޓީގެ ޗެއާޕާސަން ވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު