ދޮގު ވާހަކަތައް ދައްކައިގެން އެމްޑީޕީ ފުނޑާލަން ފުރުސަތެއް ނުދެވޭނެކަމަށާ ސާބިތު ނުހިފޭ ވާހަކަ ދައްކަވާނަމަ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ރާޝިދު ގޮވާލައްވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިއްޔެ ކުރެއްވި ހައްސާސް ތުހުމަތުތަކާއި ގުޅިގެން، ރާޝިދު މިއަދު ވިދާޅުވީ، އެމްޑީޕީ ފުނޑާލަން ފުރުސަތު ނުދެވޭނެ ކަމަށާއި ރައީސް ޞާލިޙްގެ އިސްތަށިފުޅުގައި ނުބައި ހަޑި ހުތުރު އިލްޒާމުތަކެއް އަޅުވާ ނަމަ ސާބިތު ހެކި ދައްކަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ހެކި ނެތި އެފަދަ އިލްޒާމުތައް އަޅުވާނަމަ ޕާޓީގެ ރައީސް ކަމުންނާއި މަޖިލިސްގެ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ.



ރާޝިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ކޮއްކޯފުޅު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ، ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުވި މެސެޖްތަކެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި އެމަނިކުފާނުގެ ކޮއްކޮ އެކަނި ހައްޔަރު ކުރީ ކީއްވެތޯ، ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ބަދުއަހުލާގީ މަންޒަރުތައް ފެންނަ ފޮޓޯ އެމަނިކުފާނު އަތްޕުޅުގައި އެބަހުރި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު