އަނިޔާވެރި ނުވެ އޯގާތެރި ވެރިކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާތަން ބަލަން ބައެއް ފަރާތްތަކުގެ ހިތަށް ކުޅަދާނަ ނުވެދާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ބަދުއަހުލާގީ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވު ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ސާބިތު ނުހިފޭ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ރޯވެފައިވާ ހުޅުގަނޑާއެކު އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެން، ސަމީރު މިއަދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ވެސް އެއްވެސް ކަމެއްގައި ތަފާތު ކުރުމެއް ނެތި އަނިޔާވެރި ނުވެ، އަމާން އޮމާން އޯގާތެރި ވެރިކަމެއް ރައީސް ޞާލިޙް ކުރައްވާތަން ދުށުމަކީ ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ.

އަދި ޤާނޫނުތައް ނަގަހައްޓާ ތަންފީޒު ކުރުމުގައި ރައީސް ޞާލިޙް ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި އިއްޔެ ޒުވާބު އުފެދި، ކަންކަން ގޯސްވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ރައީސް ސާލިޙާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް އަންހެން ކުއްޖަކާއެކު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށާއި، އަދި އެ ފޮޓޯތައް ޕޮލިހާއި ހިއްސާކުރަންވީތޯވެސް އައްސަވާފައިވެއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމަށް ދިމާވިގޮތުން އެންމެންވެސް ދެރަވާ ކަމަށާއި އަދި ރައީސް ނަޝީދަށް ކުރެވޭ އިހުސާސްތައް އެނގިވަޑައިގަންނަވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު