ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ހެދި މުޅި ޕާޓީގެ އަގު ވެއްޓިއްޖެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ރޮޒެއިނާގެ ފިރިކަލުން މުޙައްމަދު ނާޝިޒު ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވުމުން ހިނގި ބަހުސެއްގެ ތެރެއިންނެވެ. އެގޮތުން އެ ޓްވީޓް އެ ގްރޫޕަށް ފޮނުއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެއީ ތެދެއްތޯ ރޮޒެއިނާ އާއި ނާޝިޒު އަރިހުން ސުވާލު ކުރަށްވާފައެވެ.

ރައީސް ނަޝީދަށް ޖަވާބު ދެއްވަމުން ނާޝިޒު ވަނީ "ކަލޯ ތިޔެއް ދެނެއް މި ގައުމަކު ނުހިނގާނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު "ކުޅި ކުޅޭ މީހުންނާއި" މަޖާ ކުރާ މީހުން ބޭޒާރުވެފައިވާ ކަމަށާއި ނަޝީދު ހައްދަވާ ދޮގުތަކާއި އަނބުރާ ގޭސް މިހާރު އަޑުއަހާނެ ބަޔަކު ނެތް ކަމަށް ވިދާޅުވެ ނާޝިޒު ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު ރައްދެއް ދެއްވާފައެވެ.

އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދާއި ހެދި އެމްޑީޕީގެ އަގު ވެއްޓިފައިވާ ކަމަށެވެ.

"މީނަޔާއިހެދި ( ރައީސް ނަޝީދާހެދި) މުޅި ޕާޓީގެ އަގު ވެއްޓި، ލިވާތު ޕާޓީގެ ނަން ލިބި އެންމެންގެ ދުވަސް މިދަނީ." އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރި ފަހުން އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައީސް ސާލިޙް އަންހެންކުއްޖަކާއި އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ރައީސް އެފަދަ އަމަލެއް ނުހިންގަވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު