ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދުއަޚުލާގީ ގުޅުމެއް ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯވެސއ ރައީސް ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރަށްވާފައި ވެއެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ސާލިޙު ދެއްވާ ކަމަށެވެ.

"އެކަހަލަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވާ ފަދަ ފޮޓޯތަކެއް އުޅޭނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ފޮޓޯ ތަކެއް ހުންނާނީ ކަމެއް ކުރެއްވިއްޔާ ކަމަަށާއި އެފަދަ އަމަލެއް ރައީސް ނުހިންގަވާ ކަމަށެވެ.

ރައީސް ސާލިޙަށް ސީރިއަސް ތުހުމަތެއް ރައީސް ނަޝީދު ކުރަށްވާފައި މިވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައެެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނާޒިމް އިއްޔެ ހައްޔަރުކުރުމާއެކު، ނަޝީދު ވިދާޅުވީ، ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހަައްޔަރުކޮށްފައިވާ ނާޒިމް ސައްތާރުގެ ބަންދަށް ކޯޓުން މިހާރު ވަނީ 7 ދުވަސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު