އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ފައްޔާޒް މިހެން ވިދާޅުވީ، ރައީސް ސާލިހު އަންހެން ކުއްޖަކާއެކު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށް ބުނެ ރައީސް ނަޝީދު އެގްރޫޕްގައި ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދުދެއްވަމުންނެވެ.

ރައީސް ނަޝީދު އެ ވާހަކަތައް ދައްކަވާފައި ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރުމުން އެކަމާއި ނުރުހުން ފާޅުކުރައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ފޮޓޯ ހުރި އެންމެން ދޫކޮށްލުމަށްފަހު ނާޒިމް އެކަނި ހައްޔަރުކުރީ ކީއްވެތޯ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އައްސަވަން ބޭނުންފުޅުވާކަމަށެވެ. އަދި އެމަނިކުފާނުގެ އަތްޕުޅުގައި ރައީސް ސާލިހު އަންހެން ކުއްޖަކާއެކު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ަެ އެބުރުރިކަމަށާއި، އެ ފޮޓޯތައް ޕޮލިހާއި ހިއްސާކުރަންވީތޯވެސް އައްސަވާފައިވެއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނާޒިމަށް ދިމާވިގޮތުން އެންމެންވެސް ދެރަވާ ކަމަށާއި އަދި ރައީސް ނަޝީދަށް ކުރެއްވޭ އިހުސާސްތައް އެނގިވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.

އެއަށްފަހު ރައީސް ނަޝީދު ފައްޔާޒަށް ރައްދު ދެއްވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއްތޯ ބައްލަވަން ފައްޔާޒު ބޭނުންފުޅުވޭތޯ އައްސަވާފައެވެ. އަދި ފައްޔާޒްގެ ފެންވަރުން ކަންކަމާއި ބެހުމަށާއި އެމަނިކުފާނަށް ނަސޭހަތް ދޭކަަށް ފައްޔާޒަށް ނުޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނެއްކާވެސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި އޭނާއަށް ރައީސް ނަޝީދަށް ނަސޭހަތް ދެއްވޭނެކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ހައްޔަރުކުރުމާއެކު ރައީސް ނަޝީދުގެ ފާޑު ކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަމަވެސް ނާޒިމްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަދައްކަވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު