އަަލަށް އިމާރާތްކުރަމުންދާ ދަރުމަވަންތަ ސްކޫލުގެ އިމާރާތުގެ މަސައްކަތް މިއަހަރުތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އަލަށް އިމާރާތްކުރަމުންދާ ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތް ބާވެ ބޭނުންނުކުރެވޭވަރުވުމުގެ ސަބަބުން 2016 ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވައިދޭން ފަށާފައެވެ. އަދި ސަރުކާރުން ވަނީ މާލެ ޖަލާއި އިންވެގެން އޮންނަ ބިމުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.

ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ސްކޫލުގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމި، ފިނިޝިންގގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ތައްޔާރުވަމުންދިޔައީ އަންނަމަހު ދިރާސީ އަހަރު ފަށާއިރު ދަރުމަވަންތަ ސްކޫލްގައިވެސް ކިޔައިވައިދޭން ފެށުމަށެވެ. ނަމަވެސް އެ މަޝްރޫޢަށް ބޭނުންވާ ބައެއް ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މަސައްކަތް ވަނީ ލަސްވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދިރާސީ އަހަރު އައު އިމާރާތުގައި ކިޔެވުން ނުފެށުނުކަމުގައި ވީނަމަވެސް، މިއަހަރުގެ ތެރޭގައި ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ ސްކޫލްގައި ކިޔަވައިދޭން ފަށަންވާއިރަށް އެ ސަރަޙައްދުގައި ހުރި ޖަލު، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަންނަނީ ކުރަމުންނެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. މިއީ 1000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު