އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފިއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ނާޒިމް ހައްޔަރު ކޮށްފައިވަނީ އިއްޔެ، އއ. ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ.

ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނާޒިމް ކޯޓަށް ހާޒިރު ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މިހާރު ވަނީ އާންމުކޮށްފައެވެ.  އޭނާގެ ބަންދާ މެދު ގޮތެއް ނިއްމުމަށް ކޯޓްގައި ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ.

ނާޒިމް ހައްއްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ނާޒިމް ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަލަމްގީރު އާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

އެމައްސަލައިގައި އަލަމްގީރު މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ. ޢަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާއިރު އޭނާ ވަނީ ގުޅުން ހިންގި މަންޒަރު ވީޑިއޯކޮށް އެމީހުން ބްލެކްމެއިލްކޮށްފައެވެ. ފުލުހުން ބުނީ އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު