ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމަށް ވެރިކަމުގެ ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލަން ރޭ ވެސް ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރުމުންނާއި މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކޮށްފައިވާތީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވަނީ، ސަރުކާރުން ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު ފެންނަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ރައީސް ޔާމީން 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް، ދިވެހި ފުލުހުންގެ ހިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޖާއު މިފަދައިން ވިދާޅުވުމާ ގުޅިގެން ރިޔާޒު މިއަދު ވިދާޅުވީ، ރައީސް ޔާމިނުގެ ވެރިކަމުގައި ފުލުހުންގެ ހިދުމަތް ބޭނުންކުރައްވާފައި ވަނީ މީހުން ފުރޭމް ކުރުމަށާއި ގާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމަށް ކަމަށެވެ. އަދި އެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާ އޮތީ ބޮއްސުން ލާފައި ކަމަށާއި އެ މުއައްސަސާ އިސްލާހު ކުރަން ޔާމީންގެ ވެރިކަމުގައި ކޮށްދެއްވި ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމިނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ." ސުޖާއުއަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވިއެވެ.

މި ބަހުގެ ހަމަލާތަކުގެ ތެރެއިން ސުޖާއު ވަނީ ރިޔާޒަށް އިތުރު ތުހުމަތެއް ވެސް ކޮށްފައެވެ. އެގޮތުން ސުޖާއު ވިދާޅުވީ، އުސްފަސްގަނޑުގައި އެމްޑީޕީން ބޭއަދަބީ ކަންކަމާ ބަނގުރާ ބުއިންފަދަ ކަންކަން ކުރަން ޖާގަ ދެއްވީ ރިޔާޒްގެ ސީޕީ ކަމުގައި ކަމަށެވެ. ސުޖާއުގެ އެ ތުހުމަތަށް ރިޔާޒު އަނެއްކާވެސް ރައްދުދެއްވާފައިވެއެވެ. އޭނާ ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައި އެވަނި ފުލުހުންގެ އިދާރާގައި ކޮށްދިން ހިދުމަތް ރައްޔިތުން ބަލައިގަތުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު