މިދިޔަ މަހު ފާހަގަކުރި ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމުން އިސްވެ އޮވެ މިރޭ ވެސް ކުރިޔަށް ގެންދިޔަ މުޒާހަރާއިން 3 މީހުންވަނީ ހައްޔަރުކޮށްފައެވެ. ޕީޕީއެމާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ޕީއެންސީގެ ސެނެޓް މެންބަރު ހަލީމަތު ޒުހޭރާއާއި ޕީޕީއެމްގެ މެންބަރު ޝަހީދު އިބްރާހިމް އަދި ޕީޕީއެމްގެ މެންބަރު މުހައްމަދު އައްބާސް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިރޭ ހައްޔަރު ކުރި މީހުންގެ އަދަދެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.

ޔޯގާ ދުވަހުގެ ހަރަކާތާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ހިމެނެއެވެ. ޕީޕީއެމުން ކުރާ މިމުޒާހަރާގައި އާންމު ގޮތެއްގައި ގޮވާލަމުން ދަނީ އޭނާ މިނިވަން ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު