އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނާޒިމް ހައްޔަރު ކުރިކަން ހާމަކުރައްވަމުން އެކަމާ ވަރަށްބޮޑަށް ކޯފާއިސްކުރަށްވައި ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުން ރުއްސުމަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ މީހުން ބުނަމުންދަނީ، އެމަނިކުފާނުގެ ކޮއްކޮ ދިފާއު ކުރެއްވުމުގައި މައްސަލައެއް ނެތް ކަމަށާ ނަމަވެސް، އެފަދަ ކަމެއްގެ ދިފާއުގައި ނުކުމެވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު މިހާރު ހުންނެވި މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން އަޅުގަނޑުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި. ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ދެކޮޅަށް، ސަރުކާރު ކޯލިޝަންގައި ތިބި ހައްދުފަހަނައަޅާފައިވާ މީހުންގެ ނުފޫޒުން." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ޞާލިހުގެ ސަރުކާރުން މިކަން ކުރީ ޓާގެޓް ކޮށްގެން ވަކި މީހަކު ހައްޔަރު ކުރަން ކަމަށެވެ.

ވަކި ފަރާތެއްގެ ނަން ހާމަނުކޮށް ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނެއް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އެ މައްސަލައާ ގުޅިގެން 45 އަހަރާއި، 35 އަހަރުގެ ދިވެހި ދެ ފިރިހެނުން މިއަދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު