އިބްރާހިމް ފަހީމް   28 ޖުލައި 2022 - 19:52
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް ހައްޔަރުކޮށްފައިވަނީ ވެލިގަނޑު ރިސޯޓްގައި ހުއްޓައެވެ.



އޭނާ ހައްޔަރު ކުރުމާ ގުޅިގެން ރައީސް ނަޝީދު ދެންމެ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުފޫޒުން، އެމީހުން ރުއްސަން ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަޅުގަނޑުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި. ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ދެކޮޅަށް، ސަރުކާރު ކޯލިޝަންގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުފޫޒުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނާޒިމް ސައްތާރު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރީގެ މެންބަރު ކާނަލް ނަޝީދު ވެސް މިއަދު ވަނީ ހައްޔަރު ކޮށްފައެވެ.

ސޯޝަލް މީޑީއާގައި ފެތުރޭ ހަބަރުތައް ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގައި އަދި އެ މަންޒަރުތައް ވީޑިއޯކޮށް އެ މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހިމެނޭ އަލަމްގީރް 200 އަށް ވުރެ ގިނަ މީހުންނާއެކު ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ. މިމައްސަލައާ ގުޅިގެން އަލަމްގީރު ވަނީ މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު