ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ ފޮޓޯއެއް އެޑިޓްކޮށް ޓްވީޓުކޮށްގެން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެ ހޫނުފެނަށް ވެއްޓިއްޖެއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ނަރީޝް، ބުދަ ދުވަހުވަނީ، މިނިވަން ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ތުރުކުރައްވައިގެން ހުންނެވި ދިގު ހެދުމެއް، އިންޑިޔާ ދިދަ ހިމެނޭ ގޮތަށް އެޑިޓްކޮށް ޓްވީޓު ކުރައްވާފައެވެ. އެޑިޓްކޮށްފައިވާ މި ފޮޓޯ ޓްވީޓު ކުރައްވާ ނަރީޝްވަނީ މިނިސްޓަރ މާރިޔާއަށް ފުރައްސާރަކޮށްފައެވެ. ސައިބަ ބުލީންގެ އަމަލެއް ކަމަށް ބެލެވިދާނެ މި ޓްވީޓުގައި ނަރީޝް ވިދާޅުވެފައިވަނީ، އިންޑިޔާ ދިދަ ރަމްޒުކޮށްދޭ ހެދުމެއް ތުރު ކުރައްވައިގެން މާރިޔާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ.

ނަރީޝް މި ގޮތަށް ޓްވީޓް ކުރެއްވުމާއިއެކު ގިނަ ބަޔަކުވަނީ އެކަމާ ނުރުހުން ފާޅުކޮށް ނަރީޝްއަށް ވަނީ ރައްދު ދީފައެވެ. އަދި ނަރީޝަށް ރައްދު ދިނުމުގެ ގޮތުންނާއި ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުންނެވި މީހަކު އެހާދަށު ދަރަޖައަކަށް ވެއްޓުނުކަން ހާމަކޮށް މާރިޔާ ތުރުކުރައްވައިގެން ހުންނެވި ހެދުމުގެ ފޮޓޯތައް ގިނަ ބަޔަކުވަނީ ޓްވީޓުކޮށްފައެވެ.

މީސް މީޑިއާގައި ނަރީޝްއަށް ފާޑުކީ ގިނަ ބަޔަކު ބުނެފައިވަނީ މިއީ ތާކުންތާކު ނުޖެހޭ މީހުންނަށް ދައުލަތުގެ މަތީ މަގާމުތައް ދިނުމުން ފެންނަ ހިތި ނަތީޖާ ކަމަށެވެ. އަދި އެފަދަ މަގާމެއްގައި ހުރި މީހަކު ކަނޑައެޅިގެން މީހަކަށް ބުލީކޮށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އެކަން ތަހުގީގުކޮށް އޭނާއާއި މެދު ކައުންސިލް ތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އެލްޖީއޭއިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. ބައެއް މީހުން އޭނާ ސިފަކޮށްފައި ވަނީ "އެއްވެސް ގޮތެއް ފޮތެއް ނެތް" ތަންދޮރު ނުދަންނަ މީހެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު